Tuesday, January 24, 2012

ފަތިސްނަމާދަށް ދިޔަ މީހެއްގެ އަޖާއިބުކުރަނިވި ވާހަކަ

ފަތިސްނަމާދު ވަޤުތު ޖެހުމުގެ ކުރިން ވަރަށްފަތިހާ ހޭލައިގެން ނަމާދަށް ދިޔުމަށް ތައްޔާރުވަމުންދިޔަ ބޭބެއެކެވެ. ހެދުން ލުމަށްފަހު ވުޟޫކުރުމަށްފަހު މިސްކިތާ ދިމާޔަށް ހިނގައިގެންފިއެވެ. މިމުސްކުޅި ބޭބެ މަޑުމަޑުން ހިނގަމުން ދަނިކޮށް މަގުގެ މެދެއްހާ ހިސާބުން އެއްޗެއްގައި އަޅައިގެންފައި ވެއްޓިއްޖެއެވެ. ބޭބެ ތެދުވުމަށްފަހު ގައިން ވެލި ފޮޅާލުމަށްފަހު ގެޔަށްގޮސް ހަޑިވެފައިވާ ހެދުން ބަދަލުކޮށްގެން އަލުން މިސްކިތަށް ދިޔުމަށް ހިނގައިގެންފިއެވެ.

އަނެއްކާވެސް މަގުގެ މެދެއްހާ ހިސާބުން ހަމަކުރިންވެސް ވެއްޓުނު ހިސާބުން މިބޭބެ ވެއްޓިއްޖެއެވެ. އަދި ހެދުން މިފަހަރުވެސް ވަރަށް ބޮޑަށް ހަޑިވެއްޖެއެވެ. އަނެއްކާވެސް ގެޔަށް ގޮސް ހެދުން ބަދަލުކޮށްގެން ގެއިން ނުކުމެގެން މިސްކިތާ ދިމާޔަށް މިސްރާބު ޖަހައިފިއެވެ. އެހިސާބަށް ދިޔަ ތަނާ އެހިސާބުން ބައްތިއެއް ހިފައިގެން ހުރި މީހަކާއި ބައްދަލުވެއްޖެއެވެ.

މިބޭބެ: ތިބާއަކީ ކާކު ހެއްޔެވެ؟

ބައްތިހިފައިގެން ހުރިމީހާ: އަހަރެން ބޭބެ ދެފަހަރު މިތަނަށް ވެއްޓުނުތަން ދެކިގެން މިއައީ ބޭބެ މިސްކިތަށް ގެންގޮސްދޭން ކަމަށެވެ.

ބޭބެ މިސްކިތާއި ހިސާބަށް ގެންގޮސް ދިނުމަށްފަހު މިސްކިތުގެ ދޮރާއި ހިސާބުން މީނާ މަޑުކޮށްފިއެވެ.

ބޭބެ: ނަމާދުކުރަން މިސްކިތަށް ނުވަންނާމުހެއްޔެވެ؟

ބައްތި ހިފައިގެން ހުރިމީހާ އެކަމަށް އިންކާރު ކުރިއެވެ. އަނެއްކާވެސް ބޭބެ ވަރަށް ބޮޑަށް މީނާކުރެން މިސްކިތަށް ވަނުމަށް އެދެން ފެށުމުން ނަމާދުކުރަން މިސްކިތަށް ވަންނާކަށް ޤަސްދެއްނުކުރިއެވެ.

މުސްކުޅިބޭބެ: ބަލަ ތިބާ މިސްކިތަށް ނަމާދުކުރަން ނުވަންނަން ތިޔައުޅެނީ ފަހެ ކީއްވެގެންހެއްޔެވެ؟

ބައްތިހިފައިގެން ހުރިމީހާ ބުންޏެވެ. އަހަރެންނަކީ ޝައިތާނާއެވެ. ތިބާ މިސްކިތަށް އަންނަނިކޮށް މަގުމައްޗަށް ވައްޓާލީ އަހަރެންނެވެ. އެއީ އެނބުރި ގެޔަށް ގޮސް މިސްކިތަށް ނާދޭތޯއެވެ. ނަމަވެސް ތިބާ އެނބުރި އައުމުން ﷲ ތިބާގެ ހުރިހާ ފާފަތައް ފުއްސަވައިފިއެވެ.

ދެވަނަ ފަހަރުވެސް ވައްޓާލީ އަހަރެންނެވެ. އަދި ތިބާ އަނެއްކާވެސް މިސްކިތަށް އެނބުރި އައުމުން ﷲ ތިބާގެ ގޭގެ އެންމެންނަށް ފާފަ ފުއްސަވައިފިއެވެ.

ތިންވަނަ ފަހަރު އަހަރެން ތިބާ ވައްޓާނުލީ ތިބާ ވައްޓާލައިފިނަމަ އަނެއްކާ މިސްކިތަށް އެނބުރި އަތުވެއްޖެނަމަ ތިޔަ އަވަށު އެންމެންގެ ފާފަ ﷲ ފުއްސަވާފާނެތީއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ޝައިތާނާއަށް އޭނާގެ މަޅީގައި އަޅުގަނޑުމެން ޖެއްސުމަށް ކުޑަނަމަވެސް ފުރުސަތެއް ނުދޭށެވެ. ނިމުނީ

މިވާހަކައިން ލިބޭ ފައިދާތަކާއި ބަޔެއް ޢިބުރަތްތައް

1-ޝައިތާނާގެ މަކަރުވެރިކަމާއި އަދި އިންސީންނާއި ޖިންނީންގެ ތެރޭގައިވެސް ޝައިތާނުން ވާކަން

ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުގައި ވަޙީކުރައްވައެވެ.

وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ

އަދި ތިޔަބައިމީހުން ޝައިތާނާގެ ފިޔަވަޅުތަކުގެ މަތީގައި ނުހިނގާށެވެ. (އެބަހީ: ޝައިތާނާއަށް ނުހެއްލޭށެވެ.) ހަމަކަށަވަރުން އޭނާއަކީ ތިޔަބައިމީހުންގެ މައްޗަށް ބަޔާންވެގެންހުރި ދުޝްމަނެއްކަން ޔަޤީނެވެ.

އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވައެވެ.

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ (އަންޢާމު 112)

“އަދި ހަމައެފަދައިން ތިމަންއިލާހު ކޮންމެ ނަބިއްޔަކަށް ޢަދާވާތްތެރިންގެ ގޮތުގައި ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިންވާ ޝައިތާނުން ލެއްވީމެވެ.”

މިކަމުން އަޅުގަނޑުމެންނަށް އެނގެނީ ޝައިތާނުން އިންސާނުންގެ ތެރޭގައިވެސް ވާ ކަމެވެ. އެއީ ދީނީ ޢިލްމުވެރިޔެއްގެ ސިފައިގައި ނުވަތަ ވިޔަފާރިވެރިއެއްގެ ސިފައިގައި ނުވަތަ އަޅުގަނޑުމެންގެ ކަންކަން ހިންގަން ތިބޭ ވެރިންގެ ސިފައިގައިވެސް ތިބެދާނެއެވެ. މިއީ އަޅުގަނޑުމެން ބިރުވެތިވެ، ވިސްނަން ޖެހޭކަންކަމެވެ.

2-ޖަމާޢަތުގައި ކުރާ ނަމާދުގެ މަތިވެރިކަން

އަދި މިވާހަކައިން މިސްކިތަށް ޖަމާޢަތަށް ދިޔުމުގެ މަތިވެރިކަންވެސް އަޅުގަނޑުމެންނަށް އެނގެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްކުރެއްވިކަމަށް އިބުނު ޢުމަރު ރަޟިޔަﷲ އަންހު ރިވާކުރެއްވިއެވެ. ”‏صلاة الجماعة أفضل من صلاة الفذ بسبع وعشرين درجة‏”‏‏.‏ ‏(‏‏(‏متفق عليه‏)‏‏(

” ޖަމާޢަތުގައި ކުރާ ނަމާދު އެކަނިހުރެ ކުރާ ނަމާދަށްވުރެ ހަތާވީސް ގުނަ އިތުރުވެގެންވެއެވެ.” (ބުޙާރީ އަދި މުސްލިމް)

ނިމުނީ.

ރެފަރެންސް

  1. ޑރ. އަޙުމަދު ބިން ސާލިމްގެ މައުސޫޢަތުލް ޣަރާއިބުލް ޤިޞަޞް (ވާހަކަ ނެގީ)
  2. ރިޔާޟުއް ޞާލިޙީން
  3. ތަންޖިލް

No comments:

Post a Comment

Al-Istighfaar (Asking Forgiveness)by Sheikh-ul-Islam ibn Taymiyyah rahimahullaah
Majmoo al-Fataawaa 10/88-90