Thursday, April 7, 2011

ތިންވަނަ ބެލެނިވެރިޔާ

ލިއުއްވީ : އުއްމު ފަލަކް

އަޅުގަނޑުގެ ވަރަށް ގާތްރަހުމަތް ތެރިއަކަށް ދިމާވި ހާދިޘާއެއް ކިޔާދިނެވެ. އޭނާދަތުރަކު ފުރުމުގެ ކުރިން ގާތް އަވަށްޓެރި ގޭގެއަށް ޒިޔާރަތް ކޮށްލިއެވެ. އެގޮތުން ގެ އާއި އެންމެ ކައިރީގައި އުޅޭ ކުޑަ އާއިލާއެއް ދިރިއުޅެމުންދާ ގެއަށް ވަދެލިއެވެ. އެގޭ ގައި ދިރިއުޅޭ ދެމަފިރިންނާއި ވާހަކަ ދައްކާލުމަށް ފަހު ދަރިފުޅުކޮބައިތޯ އަހާލިއެވެ. ދަރިފުޅު އިންނާނީ ޓީވީ ބަލަންކަމުގައި އެ ދެމަފިރިން ބުންޏެވެ. މިހެން ބުނުމުން މަޑުމަޑުމަން ގޮސް ސިޓިން ރޫމްތެރެ އޭނާ ބަލައިލިއެވެ. އެފިރިހެންކުއްޖާގެ އުމުރުން ގާތްގަޑަކަށް އޭރު ވާނީ ހަތް އަހަރެވެ. ބިންމަތީ ބަންޑުން އޮޝޯވެލައިގެން، ދެއަތް ތިލަ ދަތްދޮޅީގައި އަޅުވާލައިން ޓީވީ އަށް ގެއްލިފައި އެކުއްޖާއޮތެވެ. ރަހުމަތް ތެރިޔާފުރާ ވާހަކަ ބުނުމުން ވެސް އެއްވެސް ސަމާލުކަމެއްނުދީ ޓީވީން އަންނަ ކާޓޫން ބަލަން ހަމަ އެގޮތުގައި އެކުއްޖާ އޮތެވެ.


ހަތަރު އަހަރު ބޭރު ޤައުމެއްގައި ހުރުމަށް ފަހު އެބުރި އަމިއްލަ ޤައުމަށް އައިސް އަނެއްކާ ވެސް އަވަށްޓެރިންނާ ބައްދަލު ކުރަމުންގޮސް އެއްކަލަ އާއިލާ ދިރިއުޅޭ ގެއަށް ވަންވާހަކަ ރަހުމަތްތެރިޔާ ކިޔައިދިނެވެ. އެދުވަހުވެސް އޭނައަށް ފެނުނީ ހަމަ އެކުއްޖާ އެގޮތަށް އޮށޯވެގެން ޓީވީ ބަލަން އޮތްމަންޒަރެވެ. މިހާރު އެކުއްޖާއަކީ އެގާރަ އަހަރުގެ ކުއްޖެކެވެ.


އަޅުގަނޑުގެ މި ލިޔުން މި ޙާއްސަކޮށްލަނީ އަޅުގަނޑުމެންގެ ތެރެއިންގިނަ ކުދިންގެ ތިންވަނަ ބެލެނިވެރިޔާށެވެ. ތިންވަނަ ބެލެނިވެރިޔާ އޭ އަޅުގަޑު މި ބުނަނީ ކުދިންގެ ފުރަތަމަ ބެލެނިވެރިއަކަށްވަނީ މައިން ބަފައިންނެވެ. އެއަށްފަހު ސްކޫލުގެ ޓީޗަރުންނެވެ. ތިންވަނަ ބެލެނިވެރިއެއްގެ މަޤާމް މިދެނީ ،އަޅުގަނޑުމެންގެ ކުދިންގެ ހުރިހާ އަމަލެއް އަދި ބަހުރުވައެއް "ކޮންޓްރޯލް" ކުރަމުން އަންނަ ކުޑަކުޑަ ނުކުޅެދޭ ފޮށިގަނޑު ކަމަށްވާ ޓެލެވިޒަން (ޓީީވީ) އަށެވެ.


މިއަދު އަޅުގަނޑުމެންގެ މުޖުތަމައުންވެސް ފެންނަމުން މިދަނީ އަޅުގަޑުގެ ރަހުމަތްްތެރިޔާ އަށް ދިމާވި ފަދަ އެތަށްކަމެކެވެ. އަޅުގަޑުމެން ގެ ކުދިން ހަމަ ހިމޭނުން ބެހެއްޓުމަށް ޓަކައި ޓީވީ ގެ އެހީތެރިކަން ހޯދަމުންދާމަންޒަރެވެ. މިހުރިހާކަމެއްގެ ސަބަބުން އަޅުގަޑުމެންގެ ޅަދަރިން މިދަނީ ދުވަހަކަށް ވުރެ ދުވަހެއް ދީނީ ރިވެތިއަޚުލާޤާ ދުރަށެވެ. ތަފާތު ހިސާބު ތަކުން ދައްކާގޮތުން %95 ބެލެނިވެރިން ނަކީ ކުދިން ޓީވީ އިންބަލާ މަންޒަރު ތަށް ބަލަމުންނުދާ ބެލެނިވެރިނެވެ. މީގެ މާނައަކީ ކުދިން ބަލާނެއެއްޗެއް ބަލަން ދޫކޮށްލާފައި ތިބެވޭ ވާހަކައެވެ. މިހެން ކުދިން ކޮންމެވެސް ކަމެއްގައި މަސްޢޫލުވެގެން ތިބުމުން އަޅުގަޑުމެންނަށް އެތަށް ހުސްގަޑިއެއް ލިބެއެވެ. ނިދާލުމަށާއި ފޭސްބުކް ފަދަ ސައިޓުތަކުގައި ހޭދަކުރުމަށް އެތަށް ވަޤުތެއްލިބެއެވެ.


ގިނައިން ޓީވީ ބަލާ ކުދިން އަހަރެއްގެ މައްޗަށް ޢާއްމުކޮށް ވިހި ހާސް އިޝްތިހާރު ބަލައެވެ.ނިކަން ވިސްނާލަމާތޯއެވެ. މިއާއި އެއްވަރަށް ކީރިތި ޤުރުއާންގެ އެންމެ ސަފްހާއެއްވެސް އެ ކުދިންނަށް ދެއްކޭނަމަ އެކުދިން ހަމަޔަޤީނުންވެސް ފަސޭހަކަމާއިއެކު ކީރިތި ޤުރުއާން ހިތުދަސް ކުރާނެއެވެ. މި ކުދިން މިގޮތުގައި ތިބެ ބޮޑެތިވެ މުޖުތަމަޢު އަށް ނުކުންނަ އިރު، މިކުދިންވެފައި ތިބެނީ މުނިފޫހި ފުލުވާނެ ވަސީލަތެއް ބޭނުން ވެފައި ތިބޭ ޒުވާނުންތަކަކަށެވެ. ދީނުގައި ހަލާލެއް ޙަރާމެއް ވަކި ކުރަން ނޭންގޭ ހާލުގައެވެ. ކޮންމެ ދިމާލަކުންވެސް އެކެނިވެރިކަން ފިލުވާލުމަށްޓަކައި ގޯސް ޢަމަލުތަށް ކުރެވެމުންދާ ތަނެވެ.


ލޮބުވެތި އުޚުތުންނޭވެ. އަޅުގަޑުމެންގެ ބޮލުގައި އެޅިފައި މިވާ މަސްޢޫލިއްޔަތަށް އިހުމާލުނުވަމާތޯ އެވެ. އަޅުގަނޑުމެންގެ ޅަދަރިން ހަލާކުގެ ތެރެއަށް އެއްލައްވާނުލާށެވެ. އެކުދިން ހިތް އުފާކޮށްލުމަށްޓަކައި ހޯދައިދެވޭ ތަކެއްޗަކީ އެކުދިންގެ ދުނިޔަވީ ޙަޔާތަށާއި އުޚްރަވީ ހަޔާތުގައިވެސް މަންފާ ލިބެނެވި ތަކެއްޗަށް ހަދާދެމާތޯއެވެ. އެކުދިިންގެ ތިންވަނަބެލެނިވެރި އެއްކަމުގައި ރިވެތި އަހުލާޤާއި ސުލޫޤު ހަރުލެއްވުމަށް ގަދަ އަޅާމަސައްކަތްކުރަމާ ހިގާށޭވެ. އަޅުގަޑުމެންގެ މިއަދު ގެ ދިރިއުޅުން ދަރީން ޓީވި އާއި އަހުލުވެރި ކުރެވުމުން ކިތައްމެ ފަސޭހަ ތަކެއްވިއަސް، އެކުދީން ގެ މުސްތަޤުބަލަށާއި އާޚީރަތަށް ވިސްނާލުމަށް ފަހު ކެއްތެރިވަމާތޯއެވެ.

No comments:

Post a Comment

Al-Istighfaar (Asking Forgiveness)by Sheikh-ul-Islam ibn Taymiyyah rahimahullaah
Majmoo al-Fataawaa 10/88-90